ދަރަންޏާ ނުބައްދަލު ރައުސުލްމާލާއި، ޚިދުމަތް ފެނަކައިން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް މަޖިލީހުގެ ތަޅުމުގައި މިއަދު އެކުންފުނި ދިފާޢު ކުރަށްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، ފެނަކައިގެ ދަރަންޏަކީ ހަމައެކަނި މިސަރުކާރުގައި އުފެދުނު ދަރަނި ނޫން ކަމަށެވެ. އޭގެ އިތުރުން ފެނަކައިންވަނީ އެކުންފުނީގެ ރައުސްމާލު ބޮޑުތަނުން އިތުރުކޮށް ޚިދުމަތް ފުޅާކޮށްފައިކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ދައުލަތުން އެއްވެސް ފައިސާއެއް އެއްވެެސް ފަރާތަކަށް ދޭންޖެހިފައިވާނަމަ އެފައިސާއެއް ވީހާވެސް އަވަހަށް ދައްކަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ފެނަކައިގައި މިވާ ދަރަންޏަކީ މިހިނގަމުންދާ ސަރުކާރުން ލާޒިމްކޮށް ނަގާފައިވާ ދަރަންޏެއް ނޫން. އެދަރަނިތަކަކީ ޒަމާނުއްސުރެ ފެނަކައިގައި އެއްވަމުން އިތުރުވަމުން އައި ދަރަނިތަކެއް." އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، ފެނަކައިން ވަނީ ރަށްރަށުގައި އެތައް އިންޖީނުގެއެއް ޢިމާރާތްކޮށް އެތައް ޖަނަރޭޓަރެއް އިންސްޓޯލްކޮށްފައި ކަމަށެވެ. ނަމަވެސް އެ ޚިދުމަތާއި، ރައުސުލްމާލާ އެއްވަރުގެ ޢާމްދަނީއެއް އެކުންފުންޏަށް ލިބެމުން ނުދާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"17،000 ކިލޯމީޓަރުގެ ކޭބަލް ނެޓްވޯކް ގާއިމްކޮށްދީފައި އެބަވޭ. 313 ޖަނަރޭޓަރު ސެޓު ބަހައްޓައި، 150 މެގަވޯޓަށް ވުރެ އިތުރަށް ކަރަންޓު އުފެއްދޭ މިންވަރަށް ފެނަކަ މިވަނީ ފުޅާކުރެވިފައި. ހަތްދިހަ ހަތް ރަށެއްގައި އާ އިންޖީނުގެ އަަޅައި އަދި 20 ރަށެއްގައި މިހާރު ވެސް އެ މަސައްކަތް ކުރިއަށް އެބަދޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން 19 ކޮންޓްރެކްޓަރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފެނަކައިން ފައިސާ ނުލިބޭ ކުންފުނިތަކުގެ ޢަދަދު 100 އަށްވުރެ ގިނަވާނެ ކަމަށާއި، ބިލުތަކަށް ފައިސާ ނުދައްކާތާ 500 ދުވަހާއި 300 ދުވަސް ވެފައިވާ ކަމަށެވެ.

ހަމައެއާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން