ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ހަދާ އެއްބަސްވުމެއް މަޑުޖައްސާލަން އިންތިޚާބީ ރައީސް އެދިވަޑައިގެންފިއެވެ.

އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު މިއަދު ވިދާޅުވީ ރާއްޖެއަށް ބޭސްއެތެރެ ކުރުމަށް އެސްޓީއޯއިން ޓަމިލްނާޑޫގެ ބަޔަކާއެކު ހަދަން އުޅޭ އެއްބަސްވުން އިހަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ މި މަސައްކަތަކީ ދިވެހިންގެ އާންމު ޞިއްޙަތާގުޅޭ މުހިންމު، ހައްސާސް ކަމެއް ކަމަށް ވުމުން މި މަރުހަލާގައި މިކަހަލަ މަސައްކަތެއް އެހާ ބާރަަށް ކުރިއަށް ގެންދިއުމަކީ އިންތިޚާބީ ރައީސް ކަންބޮޑުވުން ފާޅުކުރައްވާ ކަމެއް ކަމަށެވެ.

ފިރުޒުލް މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ފިރުޒުލް ވަނީ މިއަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާކަމަށާއި، ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުރި ތަކެތިކަމަށް ވިދާޅުވެފައެވެ.

ފިރުޒުލް އޭރު ވިދާޅުވީ ބޭނުންވާ ވަސީލަތްތައް ނުލިބިގެން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށެވެ.

ރާއްޖެއަށް ބޭހާއި ސިއްޙީ ދާއިރާގެ އެހެނިހެން ސާމާނު އެންމެ ގިނައިން އެތެރެ ކުރަނީ އެސްޓީއޯއިިންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ކުންފުނި، އެސްޓްރާ ޒެނެކާއާއި އެކު ވެވުނު އެއްބަސްވުމާއި އެކު މިފަދަ 27 އެއްބަސްވުމެއް އެސްޓީއޯއިން މިހާރުވެސް ހަދާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން