ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްެއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނިން 164.10 މިލިއަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

އެސްއޯއެފް ކުންފުނިން ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދުމަށް ސިވިލްކޯޓުން އިސްނަގައިގެން މީގެކުރިން ބަލަންފެށި މައްސަލައަށް އެމްއެމްޕީއާރުސީން ޙާޟިރުވެފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ އަލުން އެމްއެމްޕިއާރުސީން ސިވިލް ކޯޓަށް ހުށައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމްއެމްޕީއާރުސީން މައްސަލަ އަލުން ހުށައެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ސިވިލް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (164.10 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 17 ސެޕްޓެމްބަރު 2017 ވަނަ ދުވަހު އެވެ.

ކޮރަޕްޝަންގެ މައްސަލާގައި އެސްއޯއެފްގެ އެކައުންޓް 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އަމުރަކުން ފްރީޒްކުރި ނަމަވެސް، މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އެ އެކައުންޓް ދޫކޮށްލާފައި ވަނީވެސް ސިވިލް ކޯޓުންނެވެ.

އޭސީސީން 2019 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އޭގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން