ދަޢުލަތުގެ ލިޔެކިޔުންތައް އުސޫލުތަކާ ޚިލާފަށް ނައްތާލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ޤަރާރަށް ވާހަކަދައްކަވަމުން އިލްޔާސް މިއަދު ވިދާޅުވީ، އިންތިޤާލީ މަރުޙަލާގައި އެއްވެސް ފަރާތަކުން ދަޢުލަތުގެ ލިޔެކިޔުންތައް އުސޫލުތަކާ ޚިލާފަށް ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އާސަރުކާރަށް ކުރީގެ ސަރުކާރުގެ ހުރިހާ ލިޔެކިޔުންތަކެއް ބެލޭނެ ގޮތަށް ހުންނަންވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔުންތަކެއް ކަމަށް ބެލެވޭ ކަރުދާސްތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް އާންމުކުރި މުވައްޒަފެއް އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. މީސް މީޑިއާގައި އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރާ މަންޒަރެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި މިއަދު އިލްޔާސް ވިދާޅުވީ، ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް ކޮންކުރީޓު ގަށާ މެޝިނަށް އަޅައިގެން ނައްތާލާ ވާހަކަ އަޑުއިވޭ ކަމަށެވެ. ނަމަވެސް ސަރުކާރުގައި ހުންނަ ލިޔެކިޔުންތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުންނަ ލިޔެކިޔުންތަކަކީ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަކެތި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އެފަދަ ލިޔެކިޔުންތަކަކީ ކުންފުނިތަކުގެ ކުރިއެރުމަށާއި ދެފުށްފެންނަ ދަޢުލަތެއް ބިނާކޮށް ކުންފުނިތަކަށް ފާރަވެރިވުމަށްވެސް ވަރަށް މުހިންމު ލިޔުންތައް ކަމަށެވެ. އަދި ލިޔެކިޔުންތައް ނައްތައިލަން އުޅުމަކީ ގޯސްތަކެއް ސިއްރުކުރަން މަސައްކަތްކުރާކަން ދޭހަވާ ކަމެއް ކަމަށެވެ. އެހެންކަމުން ދަޢުލަތުގެ ކުންފުނިތައް ހިންގުމަށް ޚާއްޞަ ޤާނޫނެއް އޮތުމުގެ މުހިންމުކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

އެފްއެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރުވީ އަނީސް ޢާއްމުކުރި ވީޑިއޯއާ ގުޅޭގޮތުން އެކުންފުނިން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން