އިންޑިއާއާއި ޗައިނާގެ ޒަމާންވީ ކޯޅުމުގެ ތެރެއަށް ވަންނަ ވަރަށްވުރެ ރާއްޖެ މާ ކުޑަ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ބޮޑު ދެބާރު ކަމަށްވާ ޗައިނާއާއި އިންޑިއާއިން ސަރަޙައްދީ ގަދަހިފުމެއްގައި އުޅޭއިރު، އެކަމުގެ ތެރޭގައި މި ކުޑަކުޑަ ރާއްޖެ ފިތެން ބޭނުންފުޅު ނުވާކަމަށެވެ. އެހެންކަމުން އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަކީ ދިވެހިން އެދޭގޮތް ނޫންކަމަށް ވިދާޅުވާ ބަސްފުޅު ޑރ. މުޢިއްޒު ވަނީ މި ބަސްދީގަތުމުގައިވެސް ތަކުރާރު ކުރަށްވާފައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާއާއި ޗައިނާގެ ޒަމާންވީ ކޯޅުމުގެ ތެރެއަށް ވަންނަ ވަރަށްވުރެ ރާއްޖެ މާ ކުޑަ ކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ހުރިހާ އެގްރީމެންޓްތައް ބަލާ ދިރާސާ ކުރަން ބޭނުންފުޅުވާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގެ އެ އެގްރިމެންޓްތަކުގައި ހުރި އެއްޗެއް. މަޖިލީހުގެ ބަހުސްތަކުގައި ބައެއް މެމްބަރުން ވެސް ވިދާޅުވި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް." ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭން އަބަދުވެސް އިސްކުރަނީ ރާއްޖޭގެ މިނިވަންކަންކަމާއި އަމިއްލަވަންތަކަމާއި މަސްލަޙަތު ޙިމާޔަތް ކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ރާއްޖެއަކީ މުޅި ބައިނަލްއަޤުވާމީ ދުނިޔޭގެ ރަޙުމަތްތެރިއެއް ކަމަށާއި، ވަކި ޤައުމަކާ އެއްކޮޅު އަދި ވަކި ޤައުމަކާ ދެކޮޅު ޤައުމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން