ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ނައްތާލީ ބޭނުން ނުހިފޭ ކުރީގެ ލިޔުންތަކެއް ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ބުނެފި އެވެ.

އެފްއެސްއެމް އާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ބުނެފައިވަނީ، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ. އަަދި ނައްތާލި ލިޔުންތަކަކީ ގިނައަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި ލިޔުންތަކެއް ކަމަށް އެފްއެސްއެމް އިން ވަނީ ބުނެފައެވެ.

އެފްއެސްއެމް އިން ބުނީ، އެމަންޒަރު ޢާއްމުކުރި މުވައްޒަފު މަސައްކަތް ކޮށްފައިވަނީ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ކުންފުންޏާމެދު ޢާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިމޭރުމުން ބުނެފައިވާއިރު، އެކުންފުނީގެ ލިޔުންތަކެއް ކަމަށް ބެލެވޭ ކަރުދާސްތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް އާންމުކުރި މުވައްޒަފެއް އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. މީސް މީޑިއާގައި އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރާ މަންޒަރެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި މިއަދު އިލްޔާސް ވިދާޅުވީ، ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް ކޮންކުރީޓު ގަށާ މެޝިނަށް އަޅައިގެން ނައްތާލާ ވާހަކަ އަޑުއިވޭ ކަމަށެވެ. ނަމަވެސް ސަރުކާރުގައި ހުންނަ ލިޔެކިޔުންތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުންނަ ލިޔެކިޔުންތަކަކީ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަކެތި ކަމަށް އިލްޔާސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން