ރައީސް ނަޝީދަށް ދިން ޙަމަލާގެ މުޅި ރިޕޯޓު ޢާއްމު ނުކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

241 ކޮމިޓީން މިގޮތަށް ނިންމާފައިވަނީ، މެއި 6ގެ ޙަމަލާގެ މައްސަލަ ބެލުމަށްފަހު އެކޮމިޓީން އެކުލަވައިލި ރިޕޯޓް އެއްކޮށް ހޯދުމަށް އާންމުންގެ މީހަކު އެކޮމިޓީއަށް ހުށައެޅުމުންނެވެ. އެ މައްސަލާގައި މިއަދު ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.

ސިއްރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމަށްފަހު ކޮމިޓީ މެންބަރަކު ވިދާޅުވީ، އެ ރިޕޯޓުގައި ސިއްރު ކުރަންޖެހޭ ބައިތަކެއް ހިމެނޭ ކަމަށާއި އެއީ ކޮމިޓީން ފާސްކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެ ބައިތައް ރިޕޯޓްގައި ހިމެނޭތީ އެ ރިޕޯޓު ކޮމިޓީން އާއްމު ނުކުރަން ނިންމީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެ މުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ. އެރިޕޯޓުގެ ބައެއް ބައިތައް މީގެ ކުރިން އެ ކޮމިޓީން ވަނީ އާއްމު ކޮށްފައެވެ. އެ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ.

މިއިންކުއަރީ ރިޕޯޓް ރައީސް ނަޝީދަށާއި، ދަޢުލަތުގެ 3 ބާރުގެ ވެރިންނަށް ވަނީ އަރުވާފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ޖުމްލަ އަށް މީހަކަށް ދައުވާ އުފުލާފައި ވެއެވެ. އޭގެ ތެރެއިން އަމަލީ ގޮތުން އުޅުނު ހަތް މީހުންގެ ޝަރީއަތް ހިންގަނީ އެކުއެކީގަ އެވެ. ބޮން ގޮއްވާލި އަދުހަމް ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން