ކޯރަމް ހަމަވާވަރަށް މެންބަރުން ޙާޟިރުނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ ކޯރަމް ހަމަވާ ވަރަށް 22 މެންބަރުން ތަޅުމަށް ޙާޟިރުނުވުމުން ކަމަށް ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އިޢުލާނު ކުރަށްވާފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެންމެ މުހިންމު ކަމަކީ ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. ދަޢުލަތުގެ މާލީ ވުޒާރާއިން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާ ހުށަހެޅީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާއެވެ.

އޭގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބަހުސް ކުރިއަށް ގެންދިޔުންވެސް މިއަދުގެ އެޖެންޑާގައި އޮތީ އެޖެންޑާ ކޮށްފައެވެ.

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށްވަނީ އެޖެންޑާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން