ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތުގެ އަޑުއެހުންތައް ލަސްކަމަށް މި މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ އެޙާދިސާގެ ޝަރީޢަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ހިނގަމުން ނުދާކަމަށެވެ. އެހެންކަމުން ކަމާގުޅުންހުރި އިދާރާތަކާ ބައްދަލުކުރައްވައި މި މައްސަލަ ލަސްވާ ސަބަބު އޮޅުންފިލުއްވަން މަސައްކަތްކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ޝަރީޢަތް ލަސްވުމަށް ތަފާތު ގިނަ ސަބަބުތައް މެދުވެރިވެފައިވާކަމަށާއި، އެގޮތުން މައިގަނޑު ސަބަބަކީ އެ މައްސަލައިގެ އަޑުއެހުންތަކާ ހަވާލުވެވަޑައިގެންނެވި ބައެއް ފަނޑިޔާރުން އެ ޝަރީޢަތްތަކުން ތަނާޒުލުވެވަޑައިގަތުން ކަމަށެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމާއި، ޖާގައިގެ ދަތިކަން ދިމާވެފައި ވުމަކީވެސް މި މައްސަލަ އިތުރަށް ދިގުލައިގެން ދިޔަ ސަބަބެއް ކަމަށް އައްބާސްވަނީ ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވީ، މި މައްސަލާގައި ގޮތެއް ނުނިމި މިހާ ދިގުލައިގެން ދިއުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް ކަންބޮޑުވުމެއް، އަޅުގަނޑަށް ވެސް، ގައުމަށް ވެސް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ޙަމަލާގައި ސަރުކާރާއި، އިދިކޮޅު ފަރާތްތަކުގެ އަތެއް އޮތްކަމަށް ތަޙުޤީޤަށް ހޯދިފައިނެތް ކަމަށެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ނުވަތަ ބައެއްގެ އަތްކަމަށް އެނގޭކަމަށް އައްބާސް ވިދާޅުވިއެވެ. މި ހަމަލާ ރާވައި، ފައިނޭންސް ކުރުމުގައި ރާއްޖެއިން ބޭރުގެ ބައެއްގެ އެހީތެރިކަން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ޖުމްލަ އަށް މީހަކަށް ދައުވާ އުފުލާފައި ވެއެވެ. އޭގެ ތެރެއިން އަމަލީ ގޮތުން އުޅުނު ހަތް މީހުންގެ ޝަރީއަތް ހިންގަނީ އެކުއެކީގަ އެވެ. ބޮން ގޮއްވާލި އަދުހަމް ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން