ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ދަޢުލަތުގެ މާލީ ވުޒާރާއަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާލީ ވުޒާރާއަށް އަންގަވާފައިވަނީ، ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރު ކުރެއްވުމަށްފަހު އަލުން ހުށައެޅުމަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކުރާ ބައެއް ތަފްސީލުތައް ނުހިމަނައެވެ. އެހެންކަމުން އެ ތަފްސީލުތައް ފޮނުވަން އިއްޔެ އެދުމުން، ފޮނުވި ލިޔުންތައްވެސް ފުރިހަމަ ނުވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އެހެންކަމުން ސަޕްލިމެންޓަކީ ބަޖެޓާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުމެއް އެކީގައި އަލުން ފޮނުވަން މަޖިލީހުން މިހާރުވަނީ ފިނޭންސްގައި ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައިވާ ތަފްސީލުތައް ނުހިމަނައި މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަނޭޅޭނެ ކަމަށް ޑިމޮކްރެޓުން ދެކޭ ކަމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓް ތައްޔާރުކޮށް، މަޖިލީހަށް ހުށައެޅިއިރު ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވެއެވެ. އަދި ބަޖެޓުގެ ބޮޑު ބައިގައި ހިމެނިފައިވާ ޕްލޭނިންގ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ބަލަހައްޓާ ޚާއްސަ ބަޖެޓުން ޚަރަދުކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތްކަމަށާއި، ކުރިއަށް ހުށަހަޅަން އޮތް ބަޖެޓުތަކަށް ކުރާނެ އިގްތިސާދީ އަދި މާލީ އަސަރު ހާމަވާނެ ރިޕޯޓެއްވެސް ހުށައަޅާފައެއް ނެތްކަން ޑިމޮކްރެޓުން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ހަރަދުތައް ހިނގާނެތީ، މިދިޔަ ހަފްތާގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފަންސުރު

25-Oct-2023

"ދަޢުލަތް" (دعلة) އެއް ނޫން. "ދައުލަތް" (دولة). އަލިފުގައި ތިކި ނުޖަހާ ލިޔަންޖެހޭނީ. "ޙިޔާލު" (حيال) އެއް ނޫން. "ޚިޔާލު" (خيال). "ހ" ގެ މަތީގައި ތިކި ޖަހަން ޖެހޭނީ.



ޓްރެންޑިން