ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވާނެކަމަށް އިންތިޤާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ބެލި ބެލުމުން ހާއްސަ އޮޑިޓުތަކެއް ހަދަން ޖެހޭ ބައެއް އިދާރާތަކާއި ކުންފުނިތައް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިންތިޤާލީ ކޮމިޓީތަކުން ކުރާ މަސައްކަތަކީ އެއްވެސް ހާލެއްގައި އޮޑިޓް ހެދުން ނޫން ކަމަށާއި، އެކޮމިޓީތަކުން ނަންގަވަނީ އެތަނެއްގެ ސިޓުއޭޝަނަލް ސްނެޕްޝޮޓެއް ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، އިދާރާތަކުގެ އޮޑިޓެއް ހެދުމަކީ ބުރަ މަސައްކަތެއް ކަމަށާއި، އެހެންކަމުން އެކަން ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވާނެ ކަމަށެވެ. ފިރުޒުލް މިމޭރުމުން ވިދާޅުވި ނަމަވެސް އޮޑިޓުކުރަން ހުށަހަޅާ ތަންތަނުގެ ތަފުސީލު ދީފައެއްނުވެއެވެ.

"ފާހަގަވެފައި އެބަހުރި ހާއްސަ އޮޑިޓުތަކެއް ހަދަންޖެހޭ އިދާރާތަކަކާއި ކުންފުނިތަކެއް ނުވަތަ މުއައްސަސާތަކެއް،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، އިންތިގާލީ ކޮމެޓީތަކުން 77 އިދާރާއަކަށް ޒިޔާރަތް ކުރުމަށްފަހު ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް ހިއްސާކުރުމުގެ ކަންކަންވެސް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ހަމައެއާއެކު އެރިޕޯޓުތަކުން އިދާރާތަކުގެ ހާލަތު ހުރި ގޮތުގެ ތަފްސީލީ މައުލޫމާތު ލިބިފައިވާ ކަމަށާއި، ދެން އޮންނާނީ އެ މައުލޫމާތުތަކަށް ބިނާކޮށް ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރުން ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް މިއަދު ވިދާޅުވީ، ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓާއި ގުޅިގެން ނިންމާ ނިންމުންތަކުގެ ތަފުސީލު ފަހުން ހާމަކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން