މި ސަރުކާރުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ހުށައެޅި ފޯމުތަކާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.

އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު މިއަދު ވިދާޅުވީ، އިންތިޚާބީ ރައީސްގެ ކޮމިޓްމަންޓް އޮތީ ފުރަތަމަ ބުރުގައި މާލޭ ސަރަޙައްދުން ދޫކުރި ގޯއްޗާއި ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހަފްތާއަކަށް ވެފައިވަނިކޮށް ހުޅުވާލި ފުރުސަތުގައި ހުށައެޅި 40 ހާހަށްވުރެ ގިނަ ފޯމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު އިއްޔެ ހަމަވިއިރު، 40،000 މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެ އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން ޝާއިއުކުރި ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޑރ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ މި ސަރުކާރުން ރައްޔިތަކަށް ދޭ ފްލެޓެއްވެސް ގޯއްޗެއް ވެސް އަތުނުލާނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު ހަމަވިއިރު 40،500 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމަށް 19347 ފޯމު، އަދި ގެދޮރުވެރިޔާ ސްކީމަށް 21،247 ފޯމު ވަނީ ހުށަހަޅާފައެވެ.

މިފަހަރު ހުޅުވާލި ސްކީމްގެ ދަށުން މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ ގިރާވަރު ފަޅާއި އުތުރުތިލަފަޅުންނެވެ. އަދި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން