މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު، މިއަހަރުގެ ބާކީއޮތް ދުވަސްތަކަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 18ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާލީ ވުޒާރާއަށް އަންގަވާފައިވަނީ، ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރު ކުރެއްވުމަށްފަހު އަލުން ހުށައެޅުމަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މާލީ ވުޒާރާއިން ބުނީ މާލިއްޔަތު ގާނޫނު އިސްލާހު ކުރި އިރު، ޕްރޮގްރާމް ބަޖެޓް ހުށަހަޅަންޖެހޭ ގޮތަށް އިސްލާހުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓް ތައްޔާރުކޮށްފައިވަނީ އެގޮތަށް ކަމަށާއި، މަޖިލީހުން އިތުރަށް ބޭނުންވާ މައުލޫމާތު ހިމެނުމަށްފަހު އަލުން ސަޕްލިމެންޓްރީ ބަޖެޓް ފޮނުވާފައިވާ ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މާލީ ވުޒާރާއިން އެންމެ ފުރަތަމަ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކުރާ ބައެއް ތަފްސީލުތައް ނުހިމަނައެވެ. އެހެންކަމުން އެ ތަފްސީލުތައް ފޮނުވަން އިއްޔެ އެދުމުން، ފޮނުވި ލިޔުންތައްވެސް ފުރިހަމަ ނުވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އެހެންކަމުން ސަޕްލިމެންޓަކީ ބަޖެޓާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުމެއް އެކީގައި އަލުން ފޮނުވަން މަޖިލީހުން މާލީ ވުޒާރާ ގައި ދަންނަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައިވާ ތަފްސީލުތައް ނުހިމަނައި މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަނޭޅޭނެ ކަމަށް ޑިމޮކްރެޓުން ދެކޭ ކަމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓް ތައްޔާރުކޮށް، މަޖިލީހަށް ހުށައެޅިއިރު ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވެއެވެ. އަދި ބަޖެޓުގެ ބޮޑު ބައިގައި ހިމެނިފައިވާ ޕްލޭނިންގ މިނިސްޓްރީއާއި މާލީ ވުޒާރާގެ ދަށުން ބަލަހައްޓާ ޚާއްސަ ބަޖެޓުން ޚަރަދުކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތްކަމަށާއި، ކުރިއަށް ހުށަހަޅަން އޮތް ބަޖެޓުތަކަށް ކުރާނެ އިގްތިސާދީ އަދި މާލީ އަސަރު ހާމަވާނެ ރިޕޯޓެއްވެސް ހުށައަޅާފައެއް ނެތްކަން ޑިމޮކްރެޓުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވަނީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް، އެ ހުށަހެޅުމެއް ތައްޔާރުކޮށް، އެ ފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ހަރަދުތައް ހިނގާނެތީ، މިދިޔަ ހަފްތާގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން