ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވައިފިނަމަ އެހުވާ ސައްޙަ ނުވާނެ ކަމަށް އެމްޑީޕީން ބުނުމަކީ ބަލިވާނެ ހަނގުރާމައަކަށް އިޢުލާނުކުރުން ކަމަށް ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އާޒިމާ މިމޭރުމުން ވިދާޅުވެފައި ވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން އިތުރު މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފުރުސަތު ނޭރުވުމާއި، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށްވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން އިއްޔެ ބުނެފައިވެއެވެ.

އެމްޑީޕީގެ ނިންމުމަށް ފާޑުވިދާޅުވަމުން އާޒިމާ ވިދާޅުވީ، އެމްޑީޕީން އިޢުލާނު ކޮށްފައިވަނީ ބަލިވާނެ ހަނގުރާމައެއް ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ މި ނިންމުމުގެ ސަބަބުން މި ސަރުކާރުގެ ޤާނޫނީ ޓީމުގެ ފެންވަރު އެނގިގެންދާކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ އެމްޑީޕީން ޑރ. މުޢިއްޒަށް ހުވާކުރެއްވުމުގެ ފުރުސަތު ނޭރުވުމުން ނުވަތަ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދިނުމުން ސަރުކާރު ހުއްޓުމަކަށް ގެނެވޭނެތޯ އާއި ރައީސް ނަޝީދާއި އީވާ މަޤާމުން ވަކި ކުރެވުނު ކަމަށްވާނެތޯ ސުވާލު ކުރަށްވާފައެވެ.

"ފުރަތަމަވެސް ބަލިވާނެ ހަނގުރާމައެއް. މި ސަރުކާރުގެ ޤާނޫނީ ޓިމުގެ ފެންވަރު އެނގެނީ މިކަހަލަ ދެކޮޅުނުޖެހޭ ކަންކަމުން." އާޒިމާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމަށްފަހު އެގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ކުރައްވާ ހުވާ ބަލައިނުގަތުމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާ ގާނޫނީ ޖަލްސާއަކަށް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރައްވައިފިނަމަ އިންތިހާބީ ރައީސް ފޮނުއްވާ ކެބިނެޓަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ދީފައެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން