ގޯއްޗަށްއެދި ދެވަނަ ބުރުގައި ހުށައެޅި ފޯމުތައް ދައުރު ނިމެންވާއިރަށް އިވެލުއޭޓް ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިމޭރުމުން ވިދާޅުވެފައިވާއިރު މި ސަރުކާރުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ދެވަނަ ބުރުގައި ހުށައެޅި ފޯމުތަކާމެދު ވަކިގޮތެއް ނުނިންމާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެވަނީ ބުނެފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަފްތާއަކަށް ވެފައިވަނިކޮށް ހުޅުވާލި ފުރުސަތުގައި ހުށައެޅި 40 ހާހަށްވުރެ ގިނަ ފޯމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު ހަމަވިއިރު، 40،594 ފޯމު ހުށަހަޅައިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެއީ ގޯއްޗަށްއެދި ހުށަހެޅި 19،347 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 21،247 ފޯމެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުނުކުރެވޭނެ ކަމަށް އަކްރަމް މިއަދު ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެންމެ ބޮޑު މަސައްކަތަކީ ހުރިހާ ފޯމެއްގައި ހުރި މައުލޫމާތު ވަކިވަކިން ބެލުން ކަމަށެވެ. އަދި އެމަސައްކަތް އަވަސް އަރުވައިލައިގެން ކުރުމުގެ ނިޔަތުގައި، ލިސްޓުތަކެއް ނެރެ، ގޯތީގެ ރަޖިސްޓްރީ ދޫ ނުކުރާނެ ކަަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"ކުރީ ސަރުކާރެއްގައި ފެނުނު ދެއްތޯ، ނުހިއްކާ އޮތް ތަނަކުން ގޯތި ލިބުނުކަމަށް ލިޔުން ދިންތަން. އެހެންނެއް އެކަމެއް ނުކުރާނަން." އަކްރަމް ވިދާޅުވެފައިވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ ގިރާވަރު ފަޅާއި އުތުރުތިލަފަޅުންނެވެ. އަދި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ. އަކްރަމް ވިދާޅުވީ ދެވަނަ ބުރުގައި ބިން ދޫކުރާ އުތުރު ތިލަފަޅު ހިއްކައި ނުނިމޭކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން