ސިޔާސީ ބަޔަކު ބޭނުންވިޔަސް ދައުލަތް ހުއްޓުވާ ނުލެވޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީން އިއްޔެ ނިންމާފައިވާ ނިންމުންތަކަށް ރައްދު ދެއްވަމުން މުހުތާޒް ވިދާޅުވީ ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ. އެމްޑީޕީގެ ޕީޖީން އިއްޔެ ނިންމާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން އިތުރު މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފުރުސަތު ނޭރުވުމާއި، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށްވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން އިއްޔެ ބުނެފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމަށް ރައްދު ދެއްވަމުން މުހުތާޒް ވިދާޅުވީ، ސިޔާސީ މަސައްކަތްކުރައްވާ ފަރާތްތަކަކީ ސިޔާސީ ގޮތުން ތަސައްރަފް ފުދިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ދަޢުލަތް ހުއްޓުވާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށް މުހުތާޒް ވިދާޅުވިއެވެ.



އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއަޅާނެކަމަށް އެމްޑީޕީން ބުނެފައިވާއިރު، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ އެއީ އެއްވެސް ހަމައަކުން ބަލައިގަންނާނެ ނިންމުމެއް ނޫންކަމަށެވެ. އަދި މިއީ އިންތިޚާބުގައި ނާކާމިޔާބުވި ކެންޑިޑޭޓު އަންގަވައިގެން ހިންގާ ޢަމަލުތަކެއްކަމަށް ޑިމޮކްރެޓުން ތުހުމަތު ކޮށްފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ ނިންމުމަށާއި، ޤާނޫނު އަސާސީގެ ޙުރުމަތަށާއި، ޑިމޮކްރެސީގެ އަސާސްތަކާއި، މަކާރިމުލް އަޚްލާޤުގެ ހަމަތަކަށް ރުޖޫޢަވުމަށް ޑިމޮކްރެޓުން ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ބުނެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށައަޅަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ވޯޓު ނެގުމަށްފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން