ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިނުވަނީސް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ޖާގަ ނުދޭނެކަމަށް އެމްޑީޕީން ބުނެފައިވާތީ އެކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބުނެފައިވަނީ، އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

އެމައްސަލާގައި އެމްޑީޕީއަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ، މެންބަރު ސަލީމް ވިދާޅުވީ، އެމްޑީޕީން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމަށް ހުރަހެއް ނޭޅޭނެ." ސަލީމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8 ގައެވެ. އެ މައްސަލައިގެ ނޯޓިސް ރައީސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު އަންނަ އާދިއްތަ ދުވަހަށް މައްސަލަ އެޖެންޑާ ކުރުމަށް ވަނީ ނިންމާފަ އެވެ. އެ މައްސަލާގައި އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ތްރީ ލައިން ވިޕެއްނެރެ އެޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން