ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ދުރުކުރަން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތުން މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއި ކުރައްވައި މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލަ މިމަހު 29 ވާ އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ. ޖަލްސާގެ އެޖެންޑާ މިހާރު ޢާއްމުކޮށްފައިވާއިރު އެޖެންޑާގައި އޮތީ ރައީސް ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައެވެ.

މަޖިލީހުގެ އިދާރާ އިން މީގެ ކުރިން ބުނެފައިވަނީ އިތުބާރުނެތްކަމުގެ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ރައީސް ނަޝީދަށާއި މަޖިލީހުގެ މެމްބަރުންނަށް މި މަހުގެ 12 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. އާއްމު ކޮމެޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ.

އެމްޑީޕީން އިއްޔެ ވަނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް 3 ލައިން ވިޕްވެސް ނެރެފައެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 43 ވޯޓު ބޭނުންވާނެއެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން