ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ ނުބޭއްވުނަސް އިންތިޚާބީ ރައީސް ހުވައިކުރުމަށް ޖަލްސާ ބޭއްވުމަށް ޤާނޫނީ ހުރަހެއްނެތް ކަމަށް ކުރީގެ އުއްތަަމަ ފަނޑިޔާރު ޖަސްޓިސް ރިޓަޔަރޑް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު އެޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރަށްވާ ކަމަށާއި އެކަމަކީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ހުރަސްއަޅުއްވަން ކުރާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް ކުރީގެ އުއްތަމަ ފަނޑީޔާރު ޑރ. އަޙްމަދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޖަލްސާއެއް ބޭއްވުމާއި އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަކީ މުޅިން ތަފާތު ދެ މަފްޙޫމެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ އިޖުރާޢަތު މަޖިލީހުގެ ޤަވާއިދުގައި ލިޔެފައިވާއިރު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ އިޖުރާޢަތު އެކަށައަޅާފައިވަނީ ޤާނޫނު އަސާސީގައިކަން ޑރ. އަޙްމަދު ފާހަގަ ކުރެއްވިއެވެ.

“ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިޚާބުކުރެވިފައިވާ އިންތިޚާބީ ރައީސް މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ޤާނޫނުއަސާސީއާއި ޤާނޫނީ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫނެވެ.” ޑރ. އަޙްމަދު ވިދާޅުވެފައިވެއެވެ.

ރައީީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ މި މައްސަލަ ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ދެން ނުކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ބާއްވަންޖެހޭ ޤާނޫނީ ޖަލްސާވެސް ހިމެނޭކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޑރ. އަޙްމަދު ވިދާޅުވީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ. އަދި އެޖަލްސާއަކީ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ޞައްޙަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންވާނެ ކަމަށްވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ.

އެހެންނަމަވެސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދެވޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލާގައި ވޯޓަށް އެހުމަށްފަހުކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ޤަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމަކަށް ނުވާއިރު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައެވެ.” ޑރ. އަޙްމަދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމަށްވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ. އަދި އެކަމަށް ހުރަސްއެޅުމުގެ ޤާނޫނީ ޙައިޘިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން އަޙްމަދު ފާހަގަކުރަށްވާފައިވެއެވެ.

އަދި ޤާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަންވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ނޫން އެހެން ފަރާތެއްކަމަށް އަޙްމަދު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅައި، ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށް ފަހު، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާރލަމެންޓަރީ ޕްރެކްޓިސްތަކާ ޚިލާފުކަމެކެވެ. ސަބަބަކީ، މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުންގެ އިތުބާރު ޢަމަލީގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީއެވެ.” އަޙްމަދު ވިދާޅުވިއެވެ.

އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަން ޑރ. އަޙްމަދު ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން