ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ސަލާމް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދިއުމެވެ. ނަމަވެސް އީވާ ސަލާމް ފޮނުއްވުމާ ގުޅިގެން މި ޖަލްސާ ދެން ކުރިއަށް ގެންދާނެ ގޮތެއް ސާފު ވެފައެއް ނުވެއެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވާތީ ޖަލްސާ ބޭއްވުމަށް މެމްބަރުންނަށް ވަނީ ނޯޓިސް ފޮނުވާއެވެ. ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާއަށް ވަޑައިނުގެންނެވޭކަން އަންގާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަދުގެ ޖަލްސާ ބޭއްވޭނެގޮތް ވެފައި ނުވާއިރު، ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ އެމްޑިޕީއަށް މަޖިލީހުގެ ރިޔާސަތު ހޯދުމަށްކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީ ޓިކެޓްގައި މަޖިލިހަށް އިންތިހާބުވެވަޑައިގެން، މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ޕާޓީގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުންތަކަށްފަހު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން