ރައީސް ނަޝީދާއި ޕީޖީ ލީޑަރ އަސްލަމް
ރައީސް ނަޝީދާއި ޕީޖީ ލީޑަރ އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވޭގޮތް ނުވުމުން އެކަމަށް ޙައްލު ހޯދުމަށް އެމްޑީޕީން ކޯޓަށް ދިއުމަށް މަޝްވަރާތައް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރޝިޕްގައި މިހާރުދަނީ މި މައްސަލާގައި ޢަމަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޖަލްސާ ބޭއްވުމަށް ޙައްލެއް ހޯދުމަށް ކޯޓަށް ދިއުންވެސް ހިމެނެއެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ފޮނުއްވުމާ ގުޅިގެންނެވެ،

މަޖިލީހަށް ސަލާމް ވިދާޅުވެ އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާއެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން، ރައީސް ވަކި ކުރާ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް އެވެ. މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރާނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.

"މާދަމާގެ މަޖިލީހުގެ ޖަލްސާއަށްވެސް މި ގަރާރު އަލުން އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބުރައީސަށް ދަންނަވާނެކަން އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން،" ނިއުޝާ މިއަދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ބޭއްވޭނެގޮތް ވެފައި ނުވާއިރު، ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން