ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ސަލާމުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވޭނެކަމަށް ޤަބޫލުކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީން ޤަބޫލުކުރަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އެހެން މެމްބަރަކަށް ރިޔާސަތާ ހަވާލުވެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ.

ނިއުޝާގެ ނިންމެވުމާ ގުޅިގެން އެމްޑީޕީން މިހާރުދަނީ ދެން ޢަމަލުކުރާނެ ގޮތަކާމެދު ގާނޫނީ ލަފާ ހޯދަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރޝިޕްގައި މިހާރުދަނީ ޖަލްސާ ބޭއްވުމަށް ޙައްލެއް ހޯދުމަށް ކޯޓަށް ދިއުމަށް މަޝްވަރާ ކުރަމުންނެވެ.

މިއަދުގެ ޖަލްސާ ބޭއްވޭނެގޮތް ވެފައި ނުވާއިރު، ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން