ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވޭގޮތް ނުވުމުން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.

މިއަދުގެ ޖަލްސާ ކެންސަލް ވެފައިވާކަމަށާއި، މިއަދުގެ އެޖެންޑާގައި އޮތް ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާކަން މަޖިލީހުގެ އިދާރީ މޭޒުން އިޢުލާނު ކުރުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އިދާރީ މޭޒުގެ ކުރިމަތީގައި ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހުގެ ރިޔާސަތުގެ މޭޒަށް ވަޑައިގެން މަޖިލީހުގެ ޤަވާއިދުގެ ދަށުން އެމައްސަލައަށް ޙައްލު ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ފޮނުއްވުމާ ގުޅިގެންނެވެ. އީވާ އާލާސްކަންފުޅާ އުޅުއްވި ނަމަވެސް އެމްޑީޕީން ޤަބޫލުކުރަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އެހެން މެމްބަރަކަށް ރިޔާސަތާ ހަވާލުވެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެވެ. މިމައްސަލައިގެ ނޯޓިސް ރައީސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރައީސް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން