ޕީޕީއެމް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް ޕާޓީން އިތުރު އިނާޔަތެއް ހަމަޖައްސަވަން މަސައްކަތް ކުރަށްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ކުރިޔަށްއޮތް މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ ކަނބަލުން ވާދަކުރަށްވައި، މެންބަރުކަމުގެ ގޮނޑިއަށް އިންތިޚާބުވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރެއްވުމަށް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

"އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްޞަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން." ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.



މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ މެންބަރަކު ހިމެނިވަޑައިނުގަންނަވައެވެ.

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 މެންބަރުން އިންތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ތާޢީދުކުރާ ވީހާވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން