އަހުމަދު ޝާހް   29 އޮކްޓޯބަރު 2023 - 16:25
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް އާޒިމް ހާމަކުރަށްވާފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މަޖިލީހަށް ސަލާމް ފޮނުއްވައިފައެވެ.

މަޖިލީހަށް ސަލާމް ވިދާޅުވެ އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާއެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.

އީވާ މަޖިލީހަށް ފޮނުއްވި ސިޓީ މީސްމީޑިއާގައި ޙިއްސާ ކުރަށްވަމުން އާޒިމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަކީ އެންމެ މަދުން މަޖިލީހަށް ސަލާން ވިދާޅުވެފައިވާ އެއްބޭފުޅާ ކަމަށެވެ.

"ދެވަނަ ބްލަޑް ރިޕޯޓެއް ހެއްދެވީވެސް ކިރިޔާވެސް ރަނގަޅުނަމަ މަޖިލީހަށް ވަޑައިގަތުމުގެ މަގްސަދުގައި. ދެ މެޑިކަލް ރިޕޯޓް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަސްލަމަށް ވަނީ ފޮނުއްވާފައި." އާޒިމް ވިދާޅުވިއެވެ.



މިއަދު ޖަލްސާ ނުބޭއްވުނު ނަމަވެސް، މާދަމާއަށްވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަގަޅާފައިވާ ގަރާރު އެޖެންޑާ ކޮށްފައިވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ. ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށްފައިވާ ގަރާރެކެވެ.

މިއަދުގެ ޖަލްސާ ބޭއްވޭނެގޮތް ވެފައި ނުވާއިރު، ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީން ތައްޔާރުވަމުންދަނީ މިއަދު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން