ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވޭގޮތް ނުވުމުން އެމްޑީޕީ މެންބަރުން މަޖިލިސް ތަޅުމުގައި ހުއްޓާނުލައި އިހުތިޖާޖުކުރަމުން އެބަދެއެވެ.

އެމްޑީޕީން މަޖިލީހުގައި އިޙްތިޖާޖު ކުރަމުންދަނީ އެޕާޓީން ސުޕްރީމް ކޯޓަށް ހުށައަޅާ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން ގޮތެއް ނިންމަވަންދެކަށް ކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ފޮނުއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރުމާގުޅިގެން އެމްޑީޕީގެ މެންބަރުން އިޙްތިޖާޖު ކުރެއްވުމުގެ ތެރޭގައި އިދާރީ މޭޒުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކޮށްފައިވެއެވެ. އަދި އިދާރީ މޭޒުގައި ހުރި މޮނިޓަރުތަކަށް ގެއްލުންދީ، މޮނިޓަރެއް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ފޯނުގެ މައްޗަށް ވައްޓާލައި ފޯނު ތަޅާލާފައިވާ ކަމަށް މަޖިލީހުން މަޢުލޫމާތުދެއެވެ. ހަމައެއާއެކު މޮނީޓަރު ވެއްޓި މޭޒުމަތީގައި ހުރި ފެންތައްޓެއް ބަންޑުން ވުމުން ބައެއް ކީބޯޑުތަކަށް ފެންއެޅިފައިވާ ކަމަށްވެސް ވެއެވެ.

މަޖިލީހުގައި އެމްޑީޕީގެ މެންބަރުން އިޙްތިޖާޖު ކުރަމުންދާއިރު އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅަނީ މަޖިލީހުގެ ޖަލްސާ ބޭއްވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރުމަށްފަހު ވެސް ކެންސަލް ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިއީ ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިދިނުށް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.



މިއަދުގެ ޖަލްސާ ނުބޭއްވުމުން ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިޙްތިޖާޖު ކުރަމުން ދާއިރު، އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރަށް ޖަވާބުދާރީވާން ރައީސް ނަޝީދަށްވެސް ވަނީ ފުރުސަތު ދީފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ޖަލްސާ މިއަދު ނުބޭއްވުނުނަމަވެސް، މާދާމާއަށް ޖަލްސާ އެޖެންޑާކުރައްވާނެކަމަށް އަމީންއާންމު ނިއުޝާ މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން