ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި މިއަދު ކުރިއަށް ނުގެންދިއުމުން އެމްޑީޕީން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ގާނޫނުއަސާސީގެ 8 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި އެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭންވެސް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

އެމްޑީޕީން ހުށައެޅި މައްސަލާގައި މަޖިލިސް ހުއްޓުވާފައި ވަނީ، މަޖިލީހުގެ ރައީސްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން، ގައުމުގެ ދުސްރޫތީ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމުގެ އާންމު މަސްލަހަތައް އުނިކަން އަންނަމުންދާކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީ ގާނޫނީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މަޖިލީހުގެ އަމީންއާންމު މިއަދު ނިންމެވި ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ.

"މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 މާއްދާއާ ހިލާފަށް." އަޙްމަދު ވިދާޅުވިއެވެ.

މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ނިންމެވިގޮތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް މައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަވަންދެން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖު ކުރެއްވުމުގެ ގޮތުން މަޑުކުރަށްވާނެ ކަމަށް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް މިއަދު ފޮނުވާފައިވާ ސިޓީގައިވެސް އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވުމެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން މަޖިލީހުގައި ކަމެއް ހިންގުމަށް ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން