މިއަދުގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަށް ނިންމުމާ ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނަށާއި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީފައިވާތީ އެކަން ދަ ޑިމޮކްރެޓްސް ޕާޓީން ކުށްވެރިކޮށްފިއެވެ.

ޑިމޮކްރެޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ތަކެއްޗަށް ގެއްލުންދީ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ގެއްލުން ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އެގޮތުން ކައުންސެލާ ޖެނެރަލްގެ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައި، މޯބައިލް ފޯނާ އަތްދަބަހަށް އަމާޒުކޮށް ފެންޖަހާ، ތަކެއްޗަށް ގެއްލުން ދީފައިވާކަމަށް ދަ ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.

"އެމްޑީޕީ މެންބަރުން އިދާރީ މޭޒު ދޮށަށް ކައިރިވެ، އެ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރުއެއްޗެހި ގޮވާ، އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުން ދީފައިވެއެވެ،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު މަޖިލީހަށް ވަޑައިނުގެންނެވީ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީކަމަށާއި، ނަމަވެސް މަޖިލީހުގެ އަމީން ޢާއްމު އެކަން އިޢުލާނު ކުރެއްވުމުންވެސް މަރަދޫ ދާއިރަގެ މެންބަރު އިބްރާހިމް ޝަރީފް ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވާ، މަޖިލީހުގެ ގަވާއިދާ ހިލާފުވެ ވަޑައިގެންނެވިކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

އަދި މަޖިލީހުގައި މިއަދު ހިނގާދިޔަ ކަންކަމުގައި ޖިނާޢީ ޢަމަލެއް ހިމެނޭނަމަ އެކަން ކަމާބެހޭ އިދާރާތަކުން ބެއްލެވުމަށް ޑިމޮކްރެޓުން ވަނީ ގޮވާލާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ޖަލްސާ މިއަދު ނުބޭއްވުނުނަމަވެސް، މާދާމާއަށް ޖަލްސާ އެޖެންޑާކުރައްވާނެކަމަށް އަމީންއާންމު ނިއުޝާ މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން