އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ އެއްވެސް މެމްބަރަކު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަން ކުރަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށް ޕީއެންސީގެ ބާނީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޢާއްމު މެންބަރުންނާއެކު ރޭ ބޭއްވި ކުޑަ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީއަކީ އެއް އަސާސްތަކެއްގެ މައްޗަށް އެމަނިކުފާނު އުފެއްދެވި ދެޕާޓީ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިސަރުކާރުން ރައީސް ޔާމީންގެ ގޭބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މީސްމީޑީއާގައި ރައީސް ޔާމީނާ ހަވާލާދެއްވައި ވިދާޅުވީ ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ ޕީޕީއެމްގެ ފިކުރު ވިއްކުންކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމުން ކާމިޔާބު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

“ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ.” ރައީސް ޔާމީނާ ޙަވާލާ ދެއްވައި ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަލު ބަންދުގައި މީގެކުރިން ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކުރީ މިމަހުގެ އެއްވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ސަރުކާރުގައި އެދިވަޑައިގަތުމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން