އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް 22.9 މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކޮށްފިއެވެ.

ނެޝަނަލް ޓެންޑަރ ބޯޑުން އެ މަސައްކަތް ސިވެކް އާއި ހަވާލުކުރުމާއެކު، އެކުންފުނިން މިހާރުވަނީ ޖުމްހޫރީ މައިދާނުގެ ވަށައި ފެންސުޖަހައި ދާ ހަރުކޮށް، މަސައްކަތް ފަށާފައެވެ.

އިންތިހާބީ ރައީސް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ އިދާރާއިން އިންތިޒާމްކުރާ ރަސްމިއްޔާތެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެކެވެ.

ނޮވެމްބަރ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި އޮންނަ ޑރ. މުޢިއްޒު ރައީސްކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުގެ މެހެމާނުންނާއި ބައިނަލްއަޤުވާމީ މީޑިއާއާއި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް 3،500 މީހުންނަށް ދައުވަތު ދޭނެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. މިހާރު މަގާމުގައި ހުންނެވި ރައީސް ޞާލިޙް މަގާމުގެ ހުވާކުރެއްވީ ގަލޮޅު ބޯޅަ ދަނޑުގައެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު ހުވާކުރެއްވީ ދަރުބާރުގޭގައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ވަހީދުގެ ކުއްލި ހުވާކުރެއްވުން އޮތީ މަޖިލިހުގެ އިދާރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން