ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދާދިދެންމެއަކު ދީފައިވާ ކަމަށެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖަލްސާ ބޭއްވޭގޮތް ވަނީ ނުވެފައެވެ.



މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ގާނޫނުއަސާސީގެ 8 ވަނަ މާއްދާއާ ހިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭންވެސް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

އެމްޑީޕީން ހުށައެޅި މައްސަލާގައި މަޖިލިސް ހުއްޓުވާފައިވަނީ، މަޖިލީހުގެ ރައީސްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން، ގައުމުގެ ދުސްރޫތީ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމުގެ އާންމު މަސްލަހަތައް އުނިކަން އަންނަމުންދާކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގާނޫނީ ކޮމިޓީން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މަޖިލީހުގެ އަމީންއާންމު އާދީއްތަދުވަހު ނިންމެވި ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ.

"މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 މާއްދާއާ ހިލާފަށް." އަޙްމަދު ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައިވެސް އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވުމެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް ޖެހިގެންއަންނަ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން މަޖިލީހުގައި ކަމެއް ހިންގުމަށް ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން