އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ތާވަލް ކުރަން ޖެހޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.

“ޕާޓީގެ ސްޓޭންޑަކީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމާ، މަޖިލިސް ތެރެއިން އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުން،” އަސްލަމް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް މަޖިލީހުގެ ނައިބުރައީސް އީވާ ސަލާމުގައި ހުންނެވުމުން މާދަމާގެ ޖަލްސާއަށް މިހާރު އެޖެންޑާ ކޮށްފައިވަނީ ދަޢުލަތުގެ ބަޖެޓް ހުށައެޅުމެވެ.

މިފަހަރުގެ ބަޖެޓް ސަރުކާރުން ތައްޔާރުކޮށްފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވާ އައު ސަރުކާރުން ބޭނުންވާ ކަންކަންވެސް ހިމަނައިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބޮޑު ބަލާ

31-Oct-2023

ވަރަށް ސާފު މައްސަލައެއް! މަޖްލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް އޮއްވާ މަޖްލީހުގައި އެހެން އެއްވެސް ކަމެއް އެއްވެސް ޖަލްސާއެއް ކުރިޔަށް ނުގެންދެވޭނެއެވެ.



ޓްރެންޑިން