ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ ކުރަށްވަންވީ އެއްކަމަކީ ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުން ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ޑރ. މުޢިއްޒު މަސައްކަތް ކުރަށްވަންވާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލަންޖެހޭކަމަށްވެސް ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެވޭނީ މި ސަރުކާރުން ހެދި ގޯސްތައް ރަނގަޅު ކުރުމުން ކަމަށެވެ. އަދި މިހާރު ގައުމުގެ ސިޔާދަތީ ސަރަހައްދު މިއޮތީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތަކަށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“މި ފަށަން ޖެހެނީ ސިޔާދަތީ ބާރުވެރި ސަރުކާރެއް އޮވެގެން ސަރުކާރުން ހިމާޔަތް ކުރަންޖެހޭ ކަމަކަށް ސަރުކާރުން ގައްދާރު ވީމަ އެ އަނބުރާ އިޔާދަކުރަން.” ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްއެމްޑީއެފުން ސިޔާސީ ވެރިންގެ އަމުރުތަކަށް ތަބާވާން ނުޖެހޭ ކަމަށާއި ގާނޫނު އަސާސީގައި އެކަން އޮންނަނީ އެހެން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމްއެންޑީއެފުން ކުރަން ޖެހޭ އެންމެ މުހިއްމު ދެ ކަމުގެ ތެރެއިން ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ހިމާޔަތް ކުރުމުގައި އެ މުއައްސަސާ ނުކުޅެދިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މިކަމުގައި އިންތިހާބީ ރައީސްއާ އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ކަމަށާއި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލަ އިޓްލޮސްއަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން މިރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން