އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖު ކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގައި ތާވަލު ކޮށްފައި އޮތީ ދަޢުލަތުން ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު ހުށަހެޅުމެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ސަލާމުގައި ހުންނެވުމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާގެ ޖަލްސާއަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމާ ގުޅިގެން މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކޮށް، ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅާފައެވެ.

އެގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ދުންމާރިއާއެކު މަޖިލީހުގެ އިހުތިޖާޖުކޮށްފައެވެ. އެއާއެކު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތްނުވެ ޖަލްސާވަނީ މެދުކަނޑާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެމްޑީޕީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން