އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައެޅުއްވުމަށާއި މިއަހަރަށް ދަޢުލަތުގެ ޚަރަދުތަކަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަންނަވަން މާލީ ވަޒީރު އިބްރާހިމް އަމީރު ނިންމަވައިފިއެވެ.

ދަޢުލަތުގެ މާލީ ވަޒީރު މިގޮތަށް ނިންމަވާފައިވަނީ ބަންޑާރަ ނާއިބު އިބްރާޙިމް ރިފްޢަތު އެގޮތަށް ޤާނޫނީ ލަފާ ދެއްވުމާ ގުޅިގެންނެވެ. ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން މިއަދަކީ ޤާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ނަމަވެސް ވެރިކަންކުރާ އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.

ހަމައެއާއެކު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ އެކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

މިފަހަރުގެ ބަޖެޓް ސަރުކާރުން ތައްޔާރުކޮށްފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވާ އައު ސަރުކާރުން ބޭނުންވާ ކަންކަންވެސް ހިމަނައިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅަން ތައްޔާރުވަމުންދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން