ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ނުނިމި ދިގުލައިގެންނުދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކީ ޤައުމީ މަސްލަހަތު ހިމެނޭ ހައްސާސް ދުސްތޫރީ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ދިގުލައިގެންދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުންވެސް މައްސަލައިގެ ހައްސާސްކަމަށް ރިއާޔަތްކުރާނެ ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަކީ ގޮތެއް ނިންމުމަށް އުނދަގޫވާނެ މައްސަލައެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އެބޭފުޅުން މި މައްސަލައިގެ ހައްސާސްކަމަށް ބައްލަވައި ވީހާވެސް އަވަހަކަށް މި މައްސަލަ ކުރިއަށް ގެންގޮސްދެއްވައި ނިންމަވައިދެއްވާނެ ކަމުގައި އަޅުގަނޑުމެން އުންމީދުކުރަން،" އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބުރައީސްކަމަށް ބުނާ މާއްދާއާއި މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި 5 މެންބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ބުނެފައިވާ މާއްދާ އެކީގައި ކިޔުމަށް މަޖިލީހަށް އެންގުމަށް ކަމަށެވެ.

ހަމައެއާއެކު މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނުނިންމަނީސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ނުނިމެނީސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށްވެސް އެއްބާރުލުން ނުދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖަލްސާ ބޭއްވޭގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން މިއަދުގެ ޖަލްސާއަށް މަޖިލީހުން އެޖެންޑާ ކޮށްފައިވަނީ ދަޢުލަތުގެ ބަޖެޓް ހުށައެޅުމެވެ. ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން މިއަދަކީ ޤާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ނަމަވެސް އެމްޑީޕީގެ ނިންމުމާ އެއްގޮތަށް އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައެޅުއްވުމަށާއި މިއަހަރަށް ދަޢުލަތުގެ ޚަރަދުތަކަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަންނަވަން މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ނިންމަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު