މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެއްދުމަށް ހުރަސް އަޅަމުން ގެންދާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން ގެންދަނީ އުފެދެން އުޅޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހުރަސް އެޅުމަށްކަމަށެވެ. އެހެންކަމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަަލައަށް ތަދައްހުލުވާނެ ކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން ދަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަމުން ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ފާސްކޮށްގެން ނޫނީ ދެން އަންނަން އޮތް ސަރުކާރަކަށް ދަޢުލަތް ހިންގުމަށް ދަތިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމަށް ހުރަސް ނޭޅުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގައި އެހެންކަމެއް މަޖިލީހުގައި ނުކުރެވޭނެކަމަށް އެމްޑީޕީން ބުނާ ވާހަކައިގައި ގާނޫނީ ބުރަދަނެއް ނެތްކަމަށެވެ. އަދި އެމްޑީޕީން ކުރަމުން ގެންދަނީ ޖަޒްބާތުގައި ޖެހިގެން އާސަރުކާރަށް ހުރަސް އެޅުމަށް ހިންގާ ޢަމަލުތަކެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ. އަދި ބަޖެޓު ހުށައެޅުމަށް މާލީ ވަޒީރު މަޖިލީހަށް ވަޑައިނުގަތުމަކީ އެކަމާމެދު ފިޔަވަޅު އެޅޭނެ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ.

“ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް.” އާޒިމް މިއަދު ވިދާޅުވިއެވެ.

އާޒިމް މިމޭރުމުން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ އެކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު