އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓާ ގުޅިގެން އެމްޑީޕީއާއި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

އީސީން ބުނީ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޝްވަރާކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ގުރޫޕުގެ ބައެއް މެންބަރުންނާއެކު، އިލެކްޝަންސް ކޮމިޝަނުން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ.

އެގޮތުން މަޖިލިސް 2024 އަށް އިތުރުވި 6 ދާއިރާއަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ) އާއި ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ) އާއި ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) އާއި ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.

އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް އީސީން މަޢުލޫމާތުދެއެވެ.

އަދި ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުވާނެ ކަމަށް އީސީގެ ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން