ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދުގެ މަޖިލީހުގެ ޖަލްސާއަށްވެސް ސަލާމް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާއަށްވެސް އީވާ ސަލާމް ފޮނުއްވާފައިވާއިރު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ އެކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ޖަލްސާގައިވެސް ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ އިތުބާރުގެ މައްސަލައެވެ. ނަމަވެސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ. އީވާ ވަނީ އެކަން ސާބިތުކޮށްދިނުމަށް މެޑިކަލް ޑޮކިއުމެންސްތައްވެސް މަޖިލީހަށް ހުށައަޅާފައެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީސް ހުއްޓިފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައެޅުއްވުމަށާއި މިއަހަރަށް ދަޢުލަތުގެ ޚަރަދުތަކަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަންނަވަން މާލީ ވަޒީރު އިބްރާހިމް އަމީރު ނިންމަވައިފައެވެ. ދަޢުލަތުގެ މާލީ ވަޒީރު މިގޮތަށް ނިންމަވާފައިވަނީ ބަންޑާރަ ނާއިބު އިބްރާޙިމް ރިފްޢަތު އެގޮތަށް ޤާނޫނީ ލަފާ ދެއްވުމާ ގުޅިގެންނެވެ. ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.



ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން އަންގާރަ ދުވަހަކީ ޤާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ނަމަވެސް ވެރިކަންކުރާ އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ބަޖެޓްގެ ތަފުސީލްތައް މާލީ ވުޒާރާއިން އިއްޔެ އާންމުކުރި އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ގާނޫނުއަސާސީއާއި ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭންވެސް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައިވެސް އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވުމެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް ޖެހިގެންއަންނަ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން މަޖިލީހުގައި ކަމެއް ހިންގުމަށް ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މާދަމާއަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނަސް، އެއީ ސަރުކާރު ބަންދު ނޫން ދުވަހަކަށް ވާތީ، ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު މާދަމާއަށް ވެސް އެޖެންޑާ ކުރެވިދާނެ އެވެ. އެކަމަކު، މާދަމާ ޖަލްސާއެއް ބާއްވަން މަޖިލީހުގެ އިދާރާއިން އަދި ތާވަލުކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

މޮހިނު

01-Nov-2023

ކެނެރީގޭ މަޖިލީސް . އެންމެ މީހަކު ބޭނުންވެލީ ހުއްޓުވާލީ