އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އަންނަ އަހަރު ކައުންސިލްތަކަށް 2.1 ބިލިއަން ރުފިޔާ ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު، 2023 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރުމަށް ބަޖެޓްގައި ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން މިއަހަރު ލިބުނު ބްލޮކް ގްރާންޓްގެ މިންވަރާ އަޅާބަލާއިރު އަންނަ އަހަރު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ މިންވަރު އިތުރުވާނެ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް ކަނޑައެޅުމުގައި ބަލާފައިވަނީ 2021 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށެވެ.

ބްލޮކް ގްރާންޓަށް އައިސްފައިވާ ބަދަލުތަކަކީ 2014ގެ އާބާދީއާ އަޅާބަލާއިރު، 2022 ވަނަ އަހަރުގެ އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލުތަކުން އަންނަ ބަދަލުތަކެއް ކަމަށް ވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެގޮތުން ބްލޮކް ގްރާންޓު އެއްވެސް ކައުންސިލަކަށް މަދުވެފައިވާނަމަ، އެއީ އެރަށެއްގެ އާބާދީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ޢަދަދަށްވުރެ ދަށްވުމުގެ ސަބަބުން އަންނަ މަދުވުމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މާލީ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވަނީ އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން