ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ބޭއްވުމަށެވެ. ކޯޓުން މިހާރު ވަނީ މި މައްސަލައިގެ ޗިޓު ފޮނުވާފަ އެވެ.

މި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ވަނީ 5 މެންބަރުންގެ ބެންޗެއް އެކުލަވާލާފައެވެ. އަދި ބެންޗުގެ ރިޔާސަތަށް ފަނޑިޔާރު މަހާޒް ވަނީ ޢައްޔަނުކޮށްފައެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ، ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ގާނޫނުއަސާސީގެ 8 ވަނަ މާއްދާއާ ހިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެމްޑީޕީން އެދިފައިވެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭންވެސް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

އެމްޑީޕީން ހުށައެޅި މައްސަލާގައި މަޖިލިސް ހުއްޓުވާފައިވަނީ، މަޖިލީހުގެ ރައީސްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން، ގައުމުގެ ދުސްރޫތީ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމުގެ އާންމު މަސްލަހަތައް އުނިކަން އަންނަމުންދާކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައިވެސް އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވުމެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް ޖެހިގެންއަންނަ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން މަޖިލީހުގައި ކަމެއް ހިންގުމަށް ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓުން ތަދައްހުލުވާން އެޕާޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ޖަލްސާގައިވެސް ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ އިތުބާރުގެ މައްސަލައެވެ. ނަމަވެސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ. އީވާ ވަނީ އެކަން ސާބިތުކޮށްދިނުމަށް މެޑިކަލް ޑޮކިއުމެންސްތައްވެސް މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން