އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ސަބްސިޑީ ދިނުމަށް ކަނޑައަޅާފައިވަނީ މީހުންގެ ޙާލަތަށް ބަލައިގެން ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވަނީ އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

މާލީ ވުޒާރާއިން މަޖިލީހަށް ހުށައެޅި ބަޖެޓުގައިވަނީ މީގެކުރިން ދަޢުލަތުން ސަބްސިޑީދެމުން ގެންދިޔަގޮތް ބަދަލުކޮށް، ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ކަނޑައަޅާފައެވެ. މި ބަދަލާއެކު ސަބްސިޑީއަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަ ކުރެވޭނެކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަކިވަކި ފަރުދުންގެ ހާލަތަށް ބަލައިގެން ސަބްސިޑީ ދިނުމަށް ކަނޑައަޅާފައިވަނީ 600 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ދޫކުރުން ނިމުމަކަށް އަންނާނެއެވެ.

މި އަހަރަށް ސަރުކާރުން ސަބްސިޑީއަށް ފާސްކުރީ 2.28 ބިލިއަން ރުފިޔާއެވެ. އަދި އަހަރުގެ ބާކީ ބަޔަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި އިތުރު އެއް ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައިވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު