ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވައިދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން މަޖިލީހުގައި އެދިފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ތާޢީދާއެކު މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށެވެ.

އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ދަނީ މަޖިލިސް އިދާރާގަައި އަޑު އުފުލަމުންނެވެ. އެގޮތުން މެންބަރުންގެ އިތުބާރު ގެއްލުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ.

އެމްޑީޕީން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް މިހާރުވަނީ އެޖެންޑާ ކޮށްފައެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ބޭއްވުމަށެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައިވެސް އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވުމެވެ.

އެމްޑީޕީން އެގޮތަށް އެދުނު ނަމަވެސް މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާ ނިންމަވާފައިވަނީ ރައީސް ނަޝީދު ވަކިކުރުމަށް ޖެހިގެންއަންނަ ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން މަޖިލީހުގައި ކަމެއް ހިންގުމަށް ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގެ މަސައްކަތްވެސް މަޖިލީހުގައި ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓުން ތަދައްހުލުވާން އެޕާޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ޖަލްސާގައިވެސް ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ އިތުބާރުގެ މައްސަލައެވެ. ނަމަވެސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ. އީވާ ވަނީ އެކަން ސާބިތުކޮށްދިނުމަށް މެޑިކަލް ޑޮކިއުމެންސްތައްވެސް މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން