ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ޤަރާރާގުޅޭ މައްސަލަ ކޯޓުގައި އޮއްވައި އެކަން މަޖިލީހުގައި އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމީންޢާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި އާޒިމް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލުގެނައުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައި އެކޯޓުން އެމައްސައިގެ އަޑުއެހުން މިހާރު ތާވަލުކޮށްފައިވާކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި އެކަމަށް ބަހުސްކުރުމަކީ މަޖިލީހުން އަމަލުކުރަމުން އަންނަ އުސޫލާއި ޑިމޮކްރެޓިކް ގައުމުތަކުގައި ޢަމަލުކުރާ ހަމަތަކަށް ބަލާއިރު ކުރެވޭނެކަމެއް ކަމަށް ނުދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެއެވެ. އަދި އެއީ މައްސަލައިގެ ޝަރީޢަތަށް ނުފޫޒުފޯރާނެ ކަމެއްކަން އާޒިމްވަނީ ފާހަގަ ކުރަށްވާފައެވެ.

އެހެންކަމުން ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާކަމަށް އާޒިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އާޒިމް މިފަދަ ސިޓީއެއް މަޖިލީހަށް ފޮނުއްވާފައިވާއިރު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭތީ މަޖިލީސްވަނީ މަރުތަޅު އެޅިފައެވެ. އަދި އަންނަ އާދީއްތަ ދުވަހަށް އެމައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ އިދާރާއިން މިހާރުވަނީ ތާވަލު ކޮށްފައެވެ.

އެމައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީން ނިންމާފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ މަސައްކަތް އޮކްޓޯބަރ މަސް ނިމުނުއިރުވެސް މަޖިލީހުގައި ފެށިފައެއް ނުވެއެވެ.

އެހެންކަމުން އެމްޑީޕީން މިހާރުވަނީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ހުއްޓުވާފައިވަނީ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ އެކޯޓުން ވަނީ އަންނަ ހޯމަ ދުވަހަށް ތާވަލު ކޮށްފައެވެ.

އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާކަމަށް އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ. އީވާ ވަނީ އެކަން ސާބިތުކޮށްދިނުމަށް މެޑިކަލް ޑޮކިއުމެންސްތައްވެސް މަޖިލީހަށް ހުށައަޅާފައެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީސް ހުއްޓިފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައެޅުއްވުމަށާއި މިއަހަރަށް ދަޢުލަތުގެ ޚަރަދުތަކަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަންނަވަން މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ނިންމަވައިފައެވެ. ދަޢުލަތުގެ މާލީ ވަޒީރު މިގޮތަށް ނިންމަވާފައިވަނީ ބަންޑާރަ ނާއިބު އިބްރާޙިމް ރިފްޢަތު އެގޮތަށް ޤާނޫނީ ލަފާ ދެއްވުމާ ގުޅިގެންނެވެ. ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން މިދިޔަ އަންގާރަ ދުވަހަކީ ޤާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން