ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ދުރުކުރަން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު ހާމަކޮށްފައިވަނީ އެ މައްސަލަ މިމަހު 5 ވާ އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ. ޖަލްސާގެ އެޖެންޑާ މިހާރު ޢާއްމުކޮށްފައިވާއިރު އެޖެންޑާގައި އޮތީ ރައީސް ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެ ހުރިހާ ދުވަހަކުވެސް މަޖިލީހަށް ސަލާމް ވިދާޅުވެފައެވެ. އެހެންވެ، މި ހަފްތާ އެއްކޮށް ދިޔައީ އެ މައްސަލައިގެ ގޮތެއް ނުނިމިއެވެ.

މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ. އަދި އެމްޑީޕީން ވަނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް 3 ލައިން ވިޕްވެސް ނެރެފައެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލައަށް ހައްލެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ އިރު އަންނަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 43 ވޯޓު ބޭނުންވާނެއެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން