ދިވެހި ޤައުމުގެ ކަރާމަތާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލަށްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންގެންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ ދިވެހިންގެ ޢަޒުމަކަށް މިއަދު ހަދަންވީ، ދިވެހިރާއްޖޭގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމުގައި ސާބިތުވެ ތިބުން ކަމަށެވެ.

އެގޮތުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަޞްލަޙަތުގެ މައްޗަށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް ރައީސް ޞާލިޙް ވަނީ ގޮވާލަށްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށް ކަމުގައެވެ.

ހަމަ އެއާއެކު، ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން.” ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަޞްރު ލިބުމުގެ ސިއްރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދިހަމަ އެހެންމެ އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ޤުރުބާންވުމުގެ ރޫޙު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުންކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޓެރަރިސްޓުންގެ ރަހުމެއް ކުލެނެެއް އިންސާނިޔައްޔަތު ކަމެއްނެތް ލާއިންސާނީ އަމަލުތަކުގެ ސަބަބުން 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން