ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެގޮތެއް ހޯދަން އެމްޑީޕީން ސްޕްރީމް ކޯޓަށް ހުޅަހެޅި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އެމައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާއަށް އީވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ވަކި ގޮތެއް ކަނޑައަޅައިފިނަމަ އެކަމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުން މައްސަލަ ނިންމުމުގެ ކުރިން މަޖިލީހުން ވަކިގޮތެއް ނިންމުމަކީ މަޖިލީހުން މީގެ ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫންކަން އީވާގެ ސިޓީގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ގޮތެއް ނިންމުމަކީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިރާމް ކުޑަކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުންގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެ ހުރިހާ ދުވަހަކުވެސް މަޖިލީހަށް ސަލާމް ވިދާޅުވެފައެވެ.

މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ. އަދި އެމްޑީޕީން ވަނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް 3 ލައިން ވިޕްވެސް ނެރެފައެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލައަށް ހައްލެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ އިރު އަންނަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 43 ވޯޓު ބޭނުންވާނެއެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން