ނުވިކިހުރި 124 ވިނަރެސް ފްލެޓް ބައިގަޑިއިރުތެރޭގައި ވިކި ހުސްވެފައިވާކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

"ރަސް އޮންލައިން"އަށް މަޢުލޫމާތު ދެއްވަމުން އާބަންކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން ހުޅުވާލުމުން ހުރިހާ ފްލެޓެއް މިއަދު ވިކި ހުސްވެފައިވާކަމަށެވެ. ފްލެޓްތައް ވިއްކުމަށް ހުޅުވާލީ މިއަދު ހެނދުނު 10:00 ގަ އެވެ.

އާބަންކޯއިން ބުނީ މިފަހަރު ވިއްކުމަށް ހުޅުވާލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިއްކުމަށްފަހު ބާކީ ހުރި ފްލެޓުތައް ކަމަށެވެ. އެގޮތުން މީގެ ކުރިން ފްލެޓު ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓު އިހުތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހުތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމުތައް ވަނީ ބާތިލުކޮށްފައެވެ.

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ހަ އިންސައްތައަށް މިދިޔަމަހު ވަނީ ކުޑަކޮށްފައެވެ. އާބަންކޯއިން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދާ ކަމަށެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާތަނަށް 280 އަށްވުރެ ގިނަ ފަރާތާއެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާކަމަށެވެ. ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން