ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކިވަކި މެންބަރުންނަށް މައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތު ނުދިނުމުން އެމައްސަލައަށް މުޅިޕާޓީން ތަދައްޚުލުވުމަށް ޑިމޮކްރެޓުން ނިންމައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރު މަޖިލީހުގައި ކުރިޔަށް ނުގެންދާ މައްސަލައަށް ހައްލެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި އެމައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.

ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، އެ މައްސަލައިގައި ތަދައްޚުލުވާން އެދުމުން ސުޕްރީމް ކޯޓުން ދިން ޖަވާބުގައި، ވަކިވަކި މެންބަރުންނަށް ތަދައްޚުލް ނުވެވޭނެ ކަމަށް ޖަވާބު ދީފައިވާ ކަމަށެވެ.

އެކަމާގުޅިގެން މިއަދު ހަވީރު އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޑިމޮކްރެޓުންގެ ހައްގު ހިމެނޭތީ މައްސަލައަށް ޕާޓީގެ ފަރާތުން ތަދައްޚުލުވުމަށް ހުށައެޅުމަށެވެ.

އަދި މި މައްސަލައިގައި ޑިމޮކްރެޓުންގެ ފަރާތުން ވަކާލާތުކުރާނީ ޕާޓީގެ އިންޓެރިމް ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަނޑައަޅުއްވާ ބޭފުޅެއް ކަމަށްވެސް ނިންމާފައިވެއެވެ.

އެ މައްސަލައަށް ތަދައްޚުލްވުމަށް ޕީޕީއެމް، ޕީއެންސީން ވެސް ވަނީ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އެމައްސަލަ ކުރިއަށް ގެންދަވަން މަޖިލީހުގެ ނައިބުރައީސް އީވާ ވަނީ ޢުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ. އީވާ އެކަމަށް އުޒުރުވެރިވުމުން ދެންއޮންނަ ޖަލްސާއަކަށް އެމައްސަލަ އެޖެންޑާ ނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން