ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓަލައިޒްކޮށް މި މަހުގެ 5 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ. މި ދަފްތަރުގައި އެފަދަމީހުންގެ ވަނަވަރުގެ އިތުރުން ކުރިކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނޭކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ، މިދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަޤްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުން ކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވެ، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މަޢުލޫމާތު ހޯދޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

"މިދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ އޮފީސް) އިން ފޯރުކޮށްދެއްވުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތެވެ. ޕީ.ޖީ އޮފީހުން ފޯރުކޮށްދެއްވާ މަޢުލޫމާތު ބިނާވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށެވެ." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިދަފްތަރު އިފްތިތާޙްކުރުމުގެ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި މި ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ލިބުނު ތަޞައްލީއެއް ކަމަށެވެ. ހަމައެއާއެކު ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަށް ޕީޖީ އޮފީހުން ދެއްވި އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރ ވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން